
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ނެރުނު ޚަބަރެއްގައި ބުނެފައިވަނީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށެވެ. އެގޮތުން، ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި މި ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް، ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިތުރަށް ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، މާދަމާ ކެރީގެ އަސަރުކުރާނެ ކަމަށެވެ. އެއަށްފަހު 3 ދުވަހަށް މޫސުން ރަނގަޅުވުމަށްފަހު، އަންނަ އާދިއްތަ ދުވަހު އަނެއްކާވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެއެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.