
ގއ. ދިޔަދޫގައި ހުންނަ ވެމްކޯ ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފަކަށް ޑީސަލް ބޮވި، އެ ފުއްޕާމެއަށް ދިއުމުގެ ސަބަބުން ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އެބަދެއެވެ. މި ހާދިސާ ހިނގާފައިވަނީ ޖަނަރޭޓަރަކަށް ޑީސަލް އެޅުމުގެ މަސައްކަތުގެ ތެރޭގައެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ ޖަނަރޭޓަރަކަށް ޑީސަލް އަޅަންވެގެން ޑީސަލް ހަމަކުން ހޮޅިއެއް މެދުވެރިކޮށް ޑީސަލް ދަމަން އުޅުމުގެ ތެރޭގައެވެ. ވެމްކޯގެ އޮފިޝަލަކު މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މުވައްޒަފު އަވަހަށް މަސައްކަތް ކުރުމަށްޓަކައި ޑީސަލް ހަމެއްގެ ތެރެއަށް ހޮޅިއެއް ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން އަނގައަށް ޑީސަލް އެޅި، އެ ޑީސަލް ބޮވުނީ ކަމަށެވެ.
"ޑީސަލް ހަމެއްގެ ތެރެއްށް ހޮޅިއެއް ލައިގެން އަނގަ ޖަހާ ޑީސަލް ދަމާލީ އަވަހަށް އެ މަސައްކަތް ކުރުމަށް ޓަކައި ކަމަށް މިބެލެވެނީ، އެގޮތަށް ދަމަން އުޅުމުގެ ތެރޭގައި ޑީސަލް ބޮވުނީ، އެވަގުތު މުވައްޒަފު ބިރުން ތެޅެން ފެށުމުން ފުއްޕާމެއަށް ދިޔައީ ކަމަށް މިބަލަނީ. އެހިސާބުން ވަގުތުން ވަގުތަށް ދޭންޖެހޭ އަވަސް ފަރުވާދެވުނު މުވައްޒަފަށް."
ޑީސަލް ބޮވި، ފުއްޕާމެއަށް ދިޔުމުގެ ސަބަބުން ނޭވާލުމަށް ދަތިވެގެން، އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދެމުން އައީ ގއ. ވިލިނގިލި ހޮސްޕިޓަލުގައެވެ. އެހޮސްޕިޓަލުން ދެވުނު ފަރުވާގެ ފަހުން، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗަށް ވަނީ ބަދަލުކުރެވިފައެވެ.
އައިޖީއެމްއެޗަށް ގެނައިއިރު މުވައްޒަފުގެ ހާލު ދެރަވެ، ވެންޓިލޭޓަރަށް ވެސް ލެވިފައިވާ ކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ. ނަމަވެސް، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަން ހޮސްޕިޓަލުން އަންގާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ވަގުތު އޭނާ އޮތީ ވެންޓިލޭޓަރުގައި ނަމަވެސް، ހާލު ސްޓޭބަލްކަމަށް މައުލޫމާތު ލިބެއެވެ.
މިފަދަ ހާދިސާތައް ހިނގަނީ ވަޒީފާގެ މާހައުލުގައި ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުކަން ނުދެވޭ ގިނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ވަރަށް ފަހުން ސަރުކާރު ކުންފުންޏެއް ކަމަށްވާ ސްޓެލްކޯގެ މުވައްޒަފަކު ވެސް ވަޒީފާގެ ތެރޭގައި ދިމާވި ހާދިސާއެއްގައި ވަނީ މަރުވެފައެވެ.