
ބޮޑުކަންނެލީގެ މަސްވެރިން ކުރި މުޒާހަރާއާ ގުޅިގެން އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. މިކަމާ ދެކޮޅަށް އެމްޑީޕީގެ އިސްވެރިންނާއި ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ވަނީ މިއަދު ކޯޓު ބޭރުގައި އަޑުއުފުލާފައެވެ.
މެންބަރު މައުރޫފްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މައުރޫފް އާއި މަސްވެރިންގެ އިހްތިޖާޖުން ހައްޔަރުކުރި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާ ދެކޮޅަށް އެމްޑީޕީ އާއި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މަސްވެރިން ވަނީ ކޯޓު ސަރަހައްދުގައި މިއަދު އަޑުއުފުލާ، ބަންދު މުއްދަތު އިތުރު ނުކުރުމަށް ގޮވާލާފައެވެ.
މަސްވެރިންގެ މުޒާހަރާ ފެށުނީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުއެވެ. އެ މީހުން މުޒާހަރާކުރަމުން ދިޔައީ ސަރުކާރުން ކަންނެލި ގަނެ، މާކެޓު ކޮށްދީ ފައިސާ ހޯދައިދިނުމަށް ވީ ވައުދު ނުފުއްދާތީ ކަމަށް ބުނެއެވެ. މި އިހުތިޖާޖު އިއްޔެ މެންދުރެއް ހާއިރު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައެވެ. މި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށް ތިން ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް އެކަންކަމަށް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާތީ، މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރަން ޖެހުނީއެވެ.