
ސްރީލަންކާ އަށް އަރާ ފެންބޮޑުވުންތަކާއި ތޫފާން "ޑިޓްވާ" އާ ގުޅިގެން އެ ގައުމަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ދިނުމަށް ނިންމެވި 50،000 (ފަންސާސް ހާސް) ޑޮލަރު، ސްރީލަންކާ ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިއެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއިދު އިމާދެވެ. ލަންކާ ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެވަޑައިގަތީ އެގައުމުގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ. މިރަސްމިއްޔާތު އޮތީ ކޮލޮމްބޯގައި ހުންނަ ސްރީލަންކާގެ ހާރިޖީ ވުޒާރާގައެވެ.
ދިވެހި ސަރުކާރުން މި އެހީ ދިނުމަށް ނިންމެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއިރު ހާރިޖީ ވުޒާރާއިން ވިދާޅުވީ، ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، އެގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުންނެވެ. 50،000 ޑޮލަރާއެކު، 25،000 މަސް ދަޅު ކޭސް ވެސް ހަދިޔާކުރަން ވަނީ ނިންމާފައެވެ.
މި އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ ލަންކާގެ ރައްޔިތުންނަށްއެހީތެރިކަން ލިބި، ލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ދިވެހި ހާރިޖީ ވުޒާރާއިން އުންމީދު ކުރައްވައެވެ. ލަންކާއަށް ކުރި ވިއްސާރައިގައި އެ ގައުމުން 450 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހާލަތުގައި ލަންކާ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ.
ރާއްޖެއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރައްވަމުން ލަންކާގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތު މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހިތާމަވެރި ހާލަތުގައި ލަންކާ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކޮށްދިނުމަކީ ދެ ގައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ.
މި ފައިސާގެ އެހީގެ އިތުރުން، ލަންކާއަށް އެހީވުމަށް ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 800،352 ޑޮލަރު ނުވަތަ 245 މިލިއަން ލަންކާ ރުޕީސް ލިބުނެވެ. އެ ފައިސާ ވެސް މިއަދު ދިވެހި ހާރިޖީ ވުޒާރާއާ ވަނީ ހަވާލުކޮށްފައެވެ.