
ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދުވާފަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، ދުވާފަރަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށެއްކަމުން، ބަނދަރު ބޮޑު ކުރުމުގެ މި މަޝްރޫޢުގެ ސަބަބުން އެރަށުގެ ބަނދަރު ބޭނުންކުރުމުގައި މަސްވެރިންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ ރަށުގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ލަފާކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުވާފަރަށް ކުރައްވާ މި ދަތުރުފުޅުގައި، ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމާއި، ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަނީ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައެވެ.