
މ. ދިއްގަރުގެ މަސްވެރިކަމުގެ އުފެއްދުންތައް ބްރޭންޑުކޮށް، ގައުމީ އަދި ބައިނަލްއަޤްވާމީ ބާޒާރުގައި މާކެޓު ކުރުމަށްޓަކައި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ) އާއި ދިއްގަރު މާކެޓިން ކޯޕަރޭޝަނާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދިއްގަރުގެ މަސްވެރިންނަށާއި މަސްވެރި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އިތުރު އާމްދަނީއެއް ހޯދައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
މި އެއްބަސްވުމުގައި އެމްއެފްއޯއާރުއެމްޕީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. މުހައްމަދު އިބްރާހިމެވެ. އަދި ދިއްގަރު މާކެޓިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަޕާސަން އިސްމާއިލް މާހިދުއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެމްއެފްއޯއާރުއެމްޕީސީގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ، މިއީ ދިއްގަރުގައި އުފައްދާ އުފެއްދުންތައް މާކެޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމާއެކު ދިއްގަރުގައި އުފައްދާ އުފެއްދުންތައް މާކެޓު ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. މުސްތަގުބަލުގައި ރާއްޖޭގެ އެހެން ކައުންސިލްތަކާއެކު ވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުންމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ހުރިހާ ރަށަކަށްވެސް ފުރުސަތު އޮންނާނެ. އަޅުގަނޑުމެންގެ މަސައްކަތަކީ، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރާއްޖެއާއި ދުނިޔޭގައި މާކެޓުކުރުން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި މާކެޓުކުރުމަކީ އެ ކުންފުނީގެ މަސައްކަތް ކަމަށާއި، މިފަދަ މަސައްކަތްތަކުގައި ހުރިހާ ރަށްތަކަށް ވެސް އެއްވަރަށް ފުރުސަތު އޮންނާނެ ކަމަށެވެ.
ދިއްގަރު ރިހާކުރުގެ ނަމުގައި އެހެން ރިހާކުރުތައް މާކެޓުގައި ވިއްކުމަކީ ދިމާވާ އެންމެ ބޮޑު މައްސަލައެއް ކަމަށް އެރަށު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި އެއްބަސްވުމުގެ ސަބަބުން ދިއްގަރު އުފެއްދުންތައް ބްރޭންޑްކުރެވިގެން ބާޒާރަށް ނެރޭނެއެވެ. ދިއްގަރު ކޯޕަރޭޓިވް ސޮސައިޓީން ބުނެފައިވާ ގޮތުގައި، އެމްއެފްއޯއާރުއެމްޕީސީގެ އެހީތެރިކަމާއެކު އުފެއްދުންތައް މާކެޓުކޮށް އިޝްތިހާރުކުރެވުމުން އިތުރު މާކެޓުތައް ހޯދުމަށް ފަސޭހަވެ، ދިއްގަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.
މީގެއިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓު ކުރުމަށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ވަނީ ޗައިނާގެ ހައިނަން އިންޓަނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑާއެކުވެސް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޗައިނާއާއެކު ވި މިއެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ޗައިނާގައި މާކެޓު ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ސަރުކާރުން ދެކެއެވެ.